ހިތި ތަޖުރިބާ

ކެޓަގަރީ: ވާހަކަ - 2026-08-22

ހިތި ތަޖުރިބާ

    ފެރީ ގިމަތައިން ނުކުތް ވަގުތު ފެނުނު މަންޒަރުން އަހަރެން ގަނޑުވިކަހަލައެވެ. 5 އަހަރު ވަންދެން މާލެ ނައިސް ހުރެފައި އެންމެ ފުރަތަމަ އައި ދުވަހު ވެސް މި ފެނުނީ އަހަރެން ދުވަހަކު ވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. މެދުއުމުރުގެ އަންހެނަކާ އެކު ޓެކްސީއަށް އަރައިގެން އެ ދިޔައީ އަހަރެންގެ ދަރިފުޅު ޔޫސުފް ނޫން ދެވަނަ މީހެއް ނޫނެވެ. އަހަންނަށް އޭނަ ނުފެންނަތާ 5 އަހަރު ވީއިރު ވެސް އަހަންނަކަށް އޭނައެއް ނޯޅޭނެއެވެ.

      އަހަރެންގެ ސިކުނޑިއަށް ހުރިހާ ކަމެއް ނަގައިނުގަނެވި އުޅެނިކޮށް އަހަރެން ބަލާ ޓެކްސީ އަތުވެއްޖެއެވެ. އޭރު ވެސް އަހަރެންގެ ސިކުނޑީގައި ދެންމެ ވީ ކަމެއް ފަދައިން ޔޫސުފްގެ ހަނދާންތައް އާލާވަމުން ދިޔައެވެ. ޓެކްސީގައި އިން މީހާ އިޝާރާތް ކޮށްލުމުން އަހަރެން ޓެކްސީއަށް އެރީމެވެ. އަހަރެން ސިހުނީ ފޯނުކޯލެއް އަންނަން ފެށުމުންނެވެ. އެއީ އަހަރެންގެ މަންމައެވެ. މާލެއަށް އާދެވިއްޖެ ވާހަކަ މަންމަ ގާތު ބުނުމުން ގަޑިންގަޑިއަށް ކެއުމަށާއި ބަރާބަރަށް ކުލާހަށް ދިއުމަށް މަންމަ ނަސޭހަތްތެރިވިއެވެ. އަހަރެންނަށް މިހާރު 26 އަހަރެވެ. އަހަރެންގެ ކިޔެވުން އަދިވެސް ފުރިހަމައެއް ނުވެއެވެ. ދިމާވި ކަމަކާ ގުޅިގެން އަހަރެންގެ ކިޔެވުން މެދުކަނޑާލަން ޖެހުނީއެވެ.

      އާރކިއޮލޮޖީއަކީ އަބަދުވެސް އަހަރެން ކިޔަވަން ބޭނުންވި ދާއިރާއެވެ. ރަށު ސްކޫލުން ގްރޭޑް 12 ނިންމުމަށް ފަހު ކިޔަވަން މާލެ އައިމެވެ. އަދި ކިޔެވުމައިގެން ކުރިއަށް ދިޔައީމެވެ. މާލޭގައި އެކަނި ކިޔަވަން ހުރުމަކީ ފަސޭހަކަމެއް ނޫނެވެ. ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ އެކަންޏެވެ. އެ ވަގުތުތަކުގައި އަހަރެންނަށް އެހީވެދޭން އެންމެ ގާތުގައި ހުރީ އަހަރެންގެ އެކުވެރި ޒިދާންއެވެ. ޒިދާންއަކީ ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އަހަރެންނަށް އަބަދުވެސް އަޅާލައެވެ. އަހަރެންނާ ވަރަށް ގާތް ގުޅުމެއް ބާއްވާނެއެވެ.

      ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެންނާއި ޒިދާންގެ ގުޅުން އައީ ވަރުގަދަވަމުންނެވެ. ޒިދާންއަކީ ހަމުގެ ކުލަ އަލި، ދިގު އިސްކޮޅެއް ލިބިފައިވާ ޒުވާނެކެވެ. އަދި އެހާމެ ރީއްޗެވެ. އަހަރެންނާ ޒިދާންގެ އެކުވެރިކަމުގެ ގުޅުން ބަދަލުވިއެވެ. އަދި އަހަރެންނާއި ޒިދާން މުޅި އުމުރު ދުވަހު އެކީ އުޅެން ޢަޒުމް ކަނޑައެޅީމެވެ. އަހަރެންނަށް 22 އަހަރު ފުރުމުން ޒިދާންއާ އިންނަން ނިންމީމެވެ. ކިޔެވުން ކުރިއަށް ގެންދާނީ އެއަށް ފަހުއެވެ.

      މައިންބަފައިންގެ ރުހުމާ އެކު އަހަރެން ޒިދާންއާ ކައިވެނި ކުރީމެވެ. އެއްރެއަކު އަހަރެން ހީކުރިގޮތާ ޚިލާފަށް ޒިދާންގެ މޫނުމަތިން އުފާވެރިކަމުގެ ނިޝާނެއް ނުފެނުނެވެ. އަހަރެން ހީކުރީ އޭނަ ބިރުން ހުރީމަ ހީވި ގޮތެއް ކަމަށެވެ.

      ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެންގެ ކައިވެންޏަށް 2 އަހަރު ވެއްޖެއެވެ. މިހާރު އަހަރެންގެ އަތުގައި 6 މަހުގެ ލޯބި ފިރިހެން ކުއްޖަކު އެބަ އިނެވެ. އެއީ އަހަރެންގެ ދަރިފުޅު ޔޫސުފްއެވެ. އަހަރެންނަށް ފާހަގަވަމުން އައީ އެންމެ ކަމެކެވެ. ޒިދާން އަހަރެންނާ ދުރުވާން ފެށިކަމެވެ. ގިނަފަހަރަށް ކާކަށް ވެސް ގެއަކަށް ނާދެއެވެ. ގުޅީމަ ބުނަނީ ކައިފިން ކަމަށެވެ. ރޭގަނޑު ގެއަށް ވެސް އަންނަނީ ވަރަށް ދަންވާ ފަހުންނެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. ޒިދާންއާ ސުވާލުކުރުމުން ރައްޓެހިންނާ އެކު އުޅެނީކަމަށް ބުންޏެވެ.

      އެއްރެއެއްގެ ދަންވަރެވެ. އަހަރެން ޔޫސުފް ނިންދެވުމަށް ފަހު ކޮޓަރީގައި އިނީމެވެ. އޭރު ބޭރުން ޒިދާން ވާހަކަދައްކާ އަޑުއިވެއެވެ. އޭނާ ހުރީފޯނެއްގައެވެ.

[އަހަރެން މިރޭ ކުޑަކޮށް ބަލި، އަންހެނުން މިހާރު އަބަދު މަށާ ސުވާލުކުރޭ، މިރޭ ދެން އަނާ ގޭގައި މަޑުކުރޭ].

މި ޖުމުލަ ކަންފަތުގައި ޖެހުމާ އެކު އަހަރެން ގައިން ހީބިހި ނަގައިގަތެވެ. ވެގެން އުޅޭ ގޮތް އޮޅުންފިލައިފިއެވެ. އަހަރެންނަށް ރޯން ފެށުނެވެ.

      ޒިދާން ކޮޓަރިއަށް އައުމުން އަހަރެން އެ ވާހަކަ ދައްކަން ފެށީމެވެ. ޒިދާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އަހަރެން އެ ވާހަކަ ހުއްޓައެއް ނުލަމެވެ. ޒިދާން ބުނީ މިހާރު އޭނަ އަހަރެން ދެކެ ފޫހިވެއްޖެކަމާ އޭނާ އަހަރެންގާތު އުޅެން ބޭނުން ނޫން ވާހަކައެވެ. އަދި ވަގުތުން އަހަރެން ވަރިކޮށް ގެއިން ނެރެލިއެވެ. ޔޫސުފް ގެންދަން އުޅުނީމަ ވެސް ޔޫސުފް އެއީ ޒިދާންގެ ހައްގެއްކަމާ އަހަރެންނަށް ނުދޭނެ ވާހަކަ ބުނެފައި ފޮނުވާލީއެވެ. އެ ރީތި ސިފައިގެ ފަހަތުގައި އެވަނީ މަކަރުވެރިކަމާއި ދޮގުވެރިކަމެވެ. އެ ހިސާބުން އަހަރެންނަށް ޒިދާން ވެސް ގެއްލުނީއެވެ. ޔޫސުފް ވެސް ގެއްލުނީއެވެ.

      މިއަދު އަހަރެނަށް އެ ފެނުނީ އެ ބުނާ [އަނާ] އެކެވެ. މިހާރު ޒިދާން އުޅެނީ އަނާއާ އިނދެގެންނެވެ. ޔޫސުފް ވެސް އެ ގެންގުޅެނީ އޭނާއެވެ. އަހަރެންނަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. އަހަރެން ބަރުވެފައިވާ ހިތަކާ އެކު އަލުން ކިޔަވަން ފެށީމެވެ.

ނޯޓް: ވާހަކަ ލިޔުނީ ޒީކް ބިންތި މުސާ ޒަކީ / ޔުނީކް – ގްރޭޑް 10

← ހުރިހާ ޕޯސްޓެއް