ތަޢާރަފް
2026-05-04
ޅައިމަގު ސްކޫލަކީ ރަސްމީ ގޮތުން ރަޖިސްޓްރީ ކުރެވުނުތާ 45 އަހަރު ވެފައިވާ މުއައްސަސާއެއް ނަމަވެސް، މި ރަށުގައި ކިޔަވައިދިނުމުގެ ބިންގާ އެޅިފައިވަނީ މީގެ ގާތްގަނޑަކަށް 61 އަހަރު ކުރިންނެވެ. މިއީ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތާއި އިސްނެގުމާއެކު ފެށިގެން އައި "ރައްޔިތުންގެ ސްކޫލް" އެކެވެ.
އެންމެ ފުރަތަމަ މި ސްކޫލުގައި ކިޔަވައިދީފައިވަނީ "ޅައިމަގު މަކްތަބު" ގެ ނަމުގައެވެ. މި ނަމުގައި ސްކޫލް ރަސްމީކޮށް ރަޖިސްޓްރީ ކުރެވުނީ 12 ޖޫން 1980 ގައެވެ. އޭގެ ފަހުން، ޒަމާނަށް އައި ބަދަލުތަކާއެކު، "ޅައިމަގު ސްކޫލް" ގެ ނަމަށް ބަދަލުކޮށް އަލުން ރަޖިސްޓްރީ ކުރެވުނީ 6 ފެބުރުއަރީ 1997 (28 ރަމަޟާން 1417ހ.) ގައެވެ.
ޅައިމަގުގެ ތައުލީމީ ތާރީޚަށް ބަލާއިރު، މިހާރުގެ ސްކޫލް އުފަންވުމުގެ މާ ކުރިންވެސް އެކި ނަންނަމުގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. 1968 ވަނަ އަހަރުގެ ކުރިން ޅައިމަގަކީ މިލަދުންމަޑުލު އުތުރުބުރީގެ ވެރިރަށް ކަމަށްވުމާއެކު، އޭރު މި ރަށުގައި "އަތޮޅު މަދަރުސާ" ގެ ނަމުގައި މުޅި އަތޮޅަށް ހުޅުވާލެވިގެން ތައުލީމު ދެމުންދިޔައެވެ. އަތޮޅު މަދަރުސާ ބަންދުވުމަށްފަހު، ރަށުގެ ތައުލީމީ ދަތުރު ކުރިއަށް ދިޔައީ "ރޯޝަނީ މަކްތަބު" ގެ ނަމުގައެވެ.
ރަށުގެ ދުވަސްވީ މީހުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޅައިމަގުގެ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ތައުލީމީ މަރުކަޒެއް ނެތް އެންމެ ދުވަހެއް ވެސް ފާއިތުވެފައެއް ނުވެއެވެ. މިއީ މި ރަށުގެ ރައްޔިތުން ތައުލީމަށް ދޭ އަހައްމިއްޔަތު ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.